ރާއްޖޭގެ ދެކުނުގައި މިހާތަނަށް ބޭއްވޭނެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ “ބީފާން ވޮލީ މުބާރާތް 2026” ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ތަށި އުފުލާލުމަށް ރަތަފަންދޫ އަންހެން ވޮލީ ޓީމުން ތައްޔާރުވެއްޖެއެވެ.
ރަތަފަންދޫ ޓީމުގެ މެނޭޖަރ ނާސިހު މުހައްމަދު ވިދާޅުވީ، ޓީމުގެ ހެޑް ކޯޗު އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) މިހާރު ރަތަފަންދޫ އަށް އައިސްފައިވާ ކަމަށާއި، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަރިތަކުރުންތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ޕްރެކްޓިސްތަކުގައި ބޭރުގެ ބައެއް ކުޅުންތެރިން ވެސް ބައިވެރިވަމުންދާކަން މެނޭޖަރު ފާހަގަކުރެއްވިއެވެ.
މިފަހަރުގެ މުބާރާތުގައި ރަތަފަންދޫ ޓީމުން ފެނިގެންދާނެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ކިރިގިސްތާނުގެ މޮޅު ކުޅުންތެރިއެއް ކަމަށްވާ އައިތުރްގާން އެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ އަރަމުން އަންނަ ކުޅުންތެރިޔާ މަރްޔަމް ރިޝްފާ އާއި، އަތޮޅުތެރޭގައި މަޝްހޫރު ގއ. ކަނޑުހުޅުދޫ، މަރްޔަމް ރީޝާ ވެސް މިފަހަރު ފެންނާނީ ރަތަފަންދޫ ޓީމުންނެވެ. މެނޭޖަރު ވިދާޅުވި ގޮތުގައި “ރަށުން މީގެ ކުރިން ނުފެންނަ ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ފެނިގެންދާނެ” އެވެ.
ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަންކަން ގިނަ އަހަރުތަކެއް ވަންދެން ކުރި އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ގެ ރޭވުންތެރި ކޯޗިންގެ ދަށުން ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަކަމަށް މެނޭޖަރ ފާހަގަކުރެއްވިއެވެ.
“ކުޅުންތެރިންގެ ޕާފޯމެންސަށް މިހާރު ބަލާއިރު މިފަހަރު ވަރަށް ބޮޑަށް އުންމީދުކުރެވޭ، ތައްޓެއް ކަށަވަރުވާނެ” މެނޭޖަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ރަތަފަންދޫ ޓީމުގެ “ހަމައެކަނި އަމާޒަކީ ބީފާން 2026 ގެ ޗެމްޕިއަންކަން” ހޯދުމެވެ. މި ވަރުގަދަ ސްކޮޑާއެކު ރަތަފަންދޫ އޮތީ މުބާރާތުގެ ކާމިޔާބީއަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
2 ޑިވިޝަނަށް ހުޅުވާލައިގެން މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
މިމުބާރާތް ރާވައި ހިންގުމާއި އިންތިޒާމް ކުރުމުގެ ހުރިހާ ކަމެެއް ހަވާލުކޮށްފައިވަނީ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް ( ފޭސް ) އާއިއެވެ.

