ތިނަދޫގައި ގާއިމުކުރަމުންދާ 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެތަން ބޭނުންކުރަން ފެށޭނެ ކަމަށް މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.
އާތިފް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، މިފްކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ތިނަދޫގައި މަސް ރައްކާކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ 19 ނޮވެންބަރު 2019 ގައެވެ. ނަމަވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 12 ޖުލައި 2023 ގައެވެ. އެކި ސަބަބުތަކާ ހުރެ މި މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މަސްވެރިކަމާ ބެހޭ ވުޒާރާއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދުމާއެކު މިހާރު ވަނީ މަސައްކަތް އަލުން ބާރުސްޕީޑުގައި ފަށާފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ލަސްވެފައި އޮތް މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރާއެކު އަލުން ވާހަކަދެކެވި، ބޭނުންވާ ސާމާނު ފޮނުވުމުގެ ޝިޕިން ޝެޑިއުލްވެސް މިހާރު ލިބިފައިވާ ކަމަށެވެ. “މިއަހަރުގެ މެދު ނޫނީ ފަހާ ހަމައަށް ދާންވާއިރަށް، މީގެ ދެއަހަރެއްހާ ދުވަސްކުރިން ތިނަދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމަށް ކުރެވުނު މަސައްކަތް، މަސްގަންނަ ފެންވަރަށް ގެންދެވޭނެ،” އާތިފް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ތިނަދޫއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ 2026 ވަނަ އަހަރުގެ ކުރިން މިތަން އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ. ނަމަވެސް މިފްކޯގެ މިހާރުގެ އަމާޒަކީ މަސައްކަތް އަވަސްކޮށް މިއަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމެވެ. މިއާއެކު ހުވަދު އަތޮޅުގެ ދެބިތުންވެސް މަސްގަތުމުގެ އިންތިޒާމު ފަހިވެގެންދާނެއެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހއ. އިހަވަންދޫ، ޅ. ފެލިވަރު، މ. މުލަށް، ދ. އަތޮޅު، ގއ. ކޫއްޑޫ، ގދ. ފިޔޯރީ އަދި ގދ. ތިނަދޫ ހިމެނެއެވެ. މިފްކޯއިން މަސައްކަތް ކުރަމުންދަނީ މިއަހަރަކީ މި ހުރިހާ މަޝްރޫއުތަކެއް ނިމި، މަސްވެރިންނަށް އޭގެ މަންފާ ލިބިގެންދާނެ އަހަރަކަށް ހެދުމަށެވެ.

