މިއަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް މުޅި ޖުމްލަ 10,395,195 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކުރި އަދަދާ އަޅާބަލާއިރު 64 އިންސައްތަ ދަށް އަދަދެކެވެ. މި އަދަދު ދަށްވެފައިވަނީ މިދުވަސްވަރު މޫސުން ގޯސްވެ، ވައި ނުސާފުވުމުގެ ސަބަބުން މަސްވެރިން މަހަށް ނުކުންނަ މިންވަރު މަދުވުމުން ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފައިސާ ދޫކުރި ހޯމަ ދުވަހު (ޖަނަވަރީ 5) 2.2 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފުރަތަމަ 9 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރި މިންވަރަށް ބަލާއިރު، ޖަނަވަރީ 1 ވަނަ ދުވަހު 1.6 މިލިޔަން ރުފިޔާ، ޖަނަވަރީ 3 ވަނަ ދުވަހު 1.5 މިލިޔަން ރުފިޔާ، އަދި ޖަނަވަރީ 9 ވަނަ ދުވަހު 1.2 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން ބުނާ ގޮތުގައި މި އައު އުސޫލުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި، ޕްރޮސެސިން ފެސިލިޓީތައް ތަރައްގީ ކުރުން ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް ހެދުމެވެ.

