ކުއްލި ގޮތަކަށް ނިޔާވި ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި އަލީ އަމްޖަދު (އަމްޖު) ގެ ހަނދާނުގައި، ދެމިގެންދާނެ ފަދަ ސަދަގާތެއްގެ ގޮތުން ބަންގްލަދޭޝްގައި ފެންވަޅެއް ބެހެއްޓުމަށް ބޭނުންވާ 17,000 ރުފިޔާ ޓިކްޓޮކް ކޮމިއުނިޓީން ހޯދައިފިއެވެ.
މި ފައިސާ ހޯދާފައިވަނީ ޓިކްޓޮކް ތަރި މަރިޔަމް ސަމާ އިސްނަގައިގެން، "ހިދުމަތް" ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ލައިވްއެއްގެ ތެރެއިންނެވެ. މި ހަރަކާތުގައި ޓިކްޓޮކްގެ ގިނަ އަދަދެއްގެ މަޝްހޫރު މޫނުތަކާއި އާންމުން ބައިވެރިވެ، އަމްޖަދުގެ ހަނދާނުގައި ކުރިއަށްގެންދާ މި މަސައްކަތަށް ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ށ. ފޯކައިދޫއަށް ނިސްބަތްވާ އަމްޖަދު ނިޔާވީ މި މަހުގެ 8 ވަނަ ދުވަހު ތިލަފުށީގައި މަސައްކަތް ކުރަން ހުއްޓާ ކުއްލި ގޮތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖު މަރުވީ ތިލަފުށީގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ހަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާގެ ގާތް މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި، އަމްޖު ފެނުނީ އޭނާ މަސައްކަތް ކުރާ ސައިޓް ކައިރީގައި އޮތް އޭނާ އުޅޭ ދޯނީގެ ތެރެއަށް ވެއްޓިފައި އޮއްވައެވެ. އޭނާގެ ކުއްލި މަރުގެ ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ.
އަމްޖު އަކީ ރާއްޖޭގައި ޓިކްޓޮކް އާންމުވެގެން ދިޔަ ދުވަސްވަރު އޭނާގެ އަނބިމީހާ ހަބީބާ (ހަބިއްތަ) އާއެކު ދެއްކި ލޯބީގެ ވާހަކަތަކުންނާއި މަޖާ ވީޑިއޯތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ފަރާތެކެވެ. ޓިކްޓޮކް ލައިވްތަކުގައި ވަރަށް އެކްޓިވްކޮށް އުޅުނު އަމްޖު އާއި ހަބިއްތަގެ ކައިވެންޏަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވި ކައިވެންޏެކެވެ.
އަމްޖަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ފެންވަޅެއް ބެހެއްޓުމަށް ފައިސާ އެއްކުރުމަށް ހިންގި މި ހަރަކާތަކީ، ޓިކްޓޮކް ކޮމިއުނިޓީގެ މެދުގައި އޭނާއަށް އޮތް ލޯތްބާއި ގަދަރު ހާމަކޮށްދިން ކަމެކެވެ.

