ލ. ގަމަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ޖުމްލަ 52.11 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ގްރޮއިން ޖެހުމުގެ މަސައްކަތްތަކާއި، ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ލ. ގަމަކީ ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުމާއެކު، ސިއްޙީ ކަންކަމުގައްޔާއި ވިޔަފާރީގެ ބޭނުންތަކަށް އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް މި ރަށަށް ޒިޔާރަތްކުރެއެވެ. ނަމަވެސް ރަށް ގިރުމުގެ މައްސަލައަކީ ރަށުގެ ރައްޔިތުންނަށާއި، ޗުއްޓީ ހޭދަކުރުމަށް އެ ރަށަށްދާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
މި މަޝްރޫޢުގެ ދަށުން ގަމުގެ ބަނދަރުގެ އުތުރު ފަޅިން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 30 މީޓަރުގެ ރިވެޓްމެންޓެއް ޖަހައި، 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10،007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވި، ގިރުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލު ކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން ގަމުގެ މި މަޝްރޫޢުގެ އިތުރުންވެސް، ރާއްޖޭގެ އެކި އަތޮޅުތަކުގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

