މުދަލު ޒަކާތުގެ ގޮތުގައި ނިމިދިޔަ އަހަރު ދައުލަތަށް 107 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 107,205,043 ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 102.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު 4.8 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ހާމަކޮށްދޭ އަދަދެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާޗް މަހާއި ޖުލައި މަހުގައެވެ. އެގޮތުން މާޗް މަހު 23.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުލައި މަހު 12 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަހަރުގެ އެހެން މަސްތަކުގައި ލިބުނު އަދަދުތަކަށް ބަލާއިރު، އޭޕްރީލް މަހު 11.7 މިލިއަން، ޖޫން މަހު 10.6 މިލިއަން އަދި ޑިސެމްބަރު މަހު 9.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ރާއްޖޭގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ 19,527.90 ރުފިޔާއެވެ. ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ފާހަގަކުރާ ގޮތުގައި، ރިހީގެ އަގަށް ބަލައިގެން ނިސާބު ކަނޑައެޅުމަކީ ރާއްޖެ ފަދަ ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާބޮޑު ގޮތް ކަމަށް ދީނީ އިލްމުވެރިން ލަފާދެއްވައެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ މުދަލުގެ 2.5 އިންސައްތައެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މީރާ މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

