ކުރިއަށް އޮތް ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު ވިދާޅުވީ، ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސިޓީތަކާއި، 3000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ރަށްތަކުގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ މެދުވެރިކޮށް އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކު 162 ބާވަތެއްގެ މުދަލުގެ އަގު ސަރުކާރުން މޮނީޓަރ ކުރަމުން ދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، މިހާރު ތަރުކާރީ އާއި މޭވާގެ ބައެއް ބާވަތްތައް ހިމެނޭހެން ޖުމްލަ 23 ބާވަތެއް އެ ލިސްޓަށް ވަނީ އިތުރުކޮށްފައެވެ. މިއީ ރަމަޟާން މަހު އާންމުކޮށް ބޭނުންވާ ތަކެތި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ކުރެވޭ މަސައްކަތެކެވެ.
މިނިވަން ވިޔަފާރީގެ އުސޫލުތަކަށް އިހުތިރާމު ކުރި ނަމަވެސް، ރައްޔިތުންނަށް އަތްނުފޯރާ މިންވަރަށް ތަކެތީގެ އަގު އުފުލިގެންދާއިރު ސަރުކާރުން ބަލަން ނުތިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. “އަގުތައް ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް” ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އަސާސީ ބާވަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހޯލްސޭލްކޮށް މުދާ ދޫކުރުމަށް ކަމަށްވެސް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

