ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އަތޮޅުތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށްޓަކައި ޓްރެއިނަރުން އަތޮޅުތަކަށް ދަތުރުކުރަން ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމްތައް އަތޮޅުތަކުގައި މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އޮފިޝަލުން ތަމްރީނުކުރާ ޓްރެއިނަރުންނަށް ހިންގި ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ސަލާހް ވިދާޅުވީ، މި ތަމްރީނުތަކުގެ ސަބަބުން އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އޮފިޝަލުންނަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނާއި ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަލާހް އިތުރަށް ވިދާޅުވީ، ތަމްރީނު ފުރިހަމަކުރި ފަރާތްތަކަކީ ކޮމިޝަނުގެ މެސެޖު ރައްޔިތުންނާ ހަމައަށް ސައްހަކޮށް ފޯރުކޮށްދޭން ތިބި ބައެއް ކަމަށެވެ. “މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ޚައްޤުތަަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ،” ސަލާހް ވިދާޅުވިއެވެ. މީގެ އިތުރުން މީޑިއާތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
މި އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ ޖުމްލަ 7000 އޮފިޝަލުން ތަމްރީނު ކުރުމަށްޓަކައި 95 ޓްރެއިނަރުން މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެއެވެ. އަތޮޅުތަކުގެ ތަމްރީނުތައް މާދަމާ ފަށާއިރު، މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.
މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި އަމަލުކުރާނެ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން، ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓުގުނުމުގެ ތަފްސީލީ މަޢުލޫމާތުތައް އޮފިޝަލުންނަށް ދަސްކޮށްދެވޭނެއެވެ. އަދި މި ޕްރޮގްރާމްގެ ތެރޭގައި އަމަލީ ގޮތުން މި މަސައްކަތްތައް ކުރާނެ ގޮތުގެ ފަރިތަކުރުންތައްވެސް ކުރިއަށްގެންދާނެއެވެ.

