މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން މައުލޫމާތު ދޭގޮތުގައި، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާތަނަށް 48 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މަގު ފުޅާކުރުމަށްޓަކައި އެ ސަރަހައްދު ހިއްކުމާއި، ދުވާރު ހެދުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްދާ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ވެސް މިހާރު ވަނީ ނިންމާލެވިފައެވެ. މިއީ މާލޭގެ މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރޭގައި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، މަގުގެ އުތުރު ފަރާތުން ހަތަރު ލޭނަށް މަގު ފުޅާކުރުން ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ދުވާރުތައް ހެދުމާއި، ހަރުދަނާ ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ރޯޑް މާކިން ޖެހުމުގެ އިތުރުން ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މި މަސައްކަތުގެ ފުރަތަމަ ބައި މިހާރު ނިމިފައިވާއިރު، އެ ސަރަހައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

