ނިމިދިޔަ އަހަރު ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.5 ބިލިޔަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު މި އާމްދަނީ ހުރީ 1.1 ބިލިޔަން ރުފިޔާގައެވެ. ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް 2025 ވަނަ އަހަރު 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. 2024 ވަނަ އަހަރު މި ފީގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ.
މި ދެ ބާވަތުގެ އާމްދަނީ އެއްކޮށްލުމުން 2025 ވަނަ އަހަރު ދައުލަތަށް ޖުމްލަ 3.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރު ލިބުނު 2.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %65.7 ގެ ކުރިއެރުމެކެވެ. މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.2 މިލިޔަނަށް އިތުރުވުން ކަމަށް މީރާއިން ފާހަގަކުރެއެވެ.
ޑިޕާޗަރ ޓެކުހަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަން ފެށި ޓެކުހެކެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ޓެކުހާއި ފީ ނަގާ ރޭޓުތަކަށް ބަލާއިރު، އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރު ނަގައެވެ. ބިޒްނަސް ކްލާހުން 60 ޑޮލަރު، ފަސްޓް ކްލާހުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުގެ އަތުން 120 ޑޮލަރު ނަގަމުންދެއެވެ.

