މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ އުމްރާވެރިން ރާއްޖެ އަންނަން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އުމްރާވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފައިވަނީ ރޭ 23:30 ގައެވެ. މި ފްލައިޓުން 233 އުމްރާވެރިން ރާއްޖެ އައިސްފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އުމްރާވެރިން އެނބުރި އައުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު، މިރޭ 10:05 ގައި ދެވަނަ ފްލައިޓްގައި 130 އުމްރާވެރިން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާކީ ތިބި އުމްރާވެރިންނާއެކު ތިންވަނަ ފްލައިޓް މާދަމާގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ނިމިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ޖުމްލަ 569 މީހުން ގޮސްފައިވެއެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ގްރޫޕް ފުރާފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު 262 އުމްރާވެރިން ވަނީ ފުރާފައެވެ.
ސްކޫލް ބަންދާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ފުރައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ބަންދާ ދިމާކޮށް ހަތް ހާހަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރަކީވެސް ބަންދާ ދިމާކޮށް ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން އުމްރާއަށް ދިޔަ އަހަރެއްކަން ފާހަގަކުރެވެއެވެ.

