ހުސްވި ޑިސެމްބަރ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 329 ޓަނުގެ ކާގޯ ދުނިޔޭގެ 20 ޤައުމަކަށް ފޮނުވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 66 ޓީއީޔޫސްގެ މުދަލެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރ މަހު މި މުދާ ފޮނުވާފައިވަނީ ޖުމްލަ 10 އެއަރލައިނެއް މެދުވެރިކޮށެވެ. މީގެ ތެރޭގައި ވާޖިން އެޓްލާންޓިކް، އިއްދިހާދު އެއަރވޭސް، ލުފްތަންސާ، ގަތަރު އެއަރވޭސް، ޓާކިޝް އެއަރލައިން، އަޒަރުބައިޖާން އެއަރލައިން، ސައުދިއާ، ސްވިސް އެއަރލައިން، އައިޓީއޭ އެއަރވޭސް އަދި އެމިރޭޓްސް ހިމެނެއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ރާއްޖޭގައި ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމުގެ ޚިދުމަތެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ފެށި މި ޚިދުމަތަކީ އެމްޕީއެލް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިޔަން ޑޮލަރެއް ވަނީ ވަދެފައެވެ. މިހާރުވެސް 17 އަށްވުރެ ގިނަ އެއަރލައިން މި ޚިދުމަތާ ގުޅިފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ މަންޒިލަކަށް ވުމާއެކު، ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ބޮޑުކަމަށް ސަރުކާރުން ދެކެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުންވެސް އެޤައުމުތަކުގެ އިޤްތިޞާދު ވަރުގަދަކުރުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

