މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިއަދު ހެނދުނުން ފެށިގެން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގެ އިތުރުން ގއ. އަތޮޅުގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަޤްސަދުގައި ހިންގާ ހަރަކާތެކެވެ.
މިއަދުގެ އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށެވެ. މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސް ކުރުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުންގެ ޚިދުމަތުން "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ސިލްސިލާ އޮޕަރޭޝަންތަކެއް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާއިރު، ޖުމްލަ 100 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

