ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި މުއްދަތުގައި އުސޫލާ ޚިލާފަށް މާލޭގެ އެއްވެސް ބިމެއް ދޫކޮށްފައި ނުވާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ. އަރީޝް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ބިންތަކެއް އުސޫލާ ޚިލާފަށް ދޫކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ، ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކާފައި ނުވާނެ ކަމަށާއި، އަދި ގަވާއިދާ ޚިލާފަށް އެއްވެސް ބިމެއް ކުއްޔަށް ދީފައިވެސް ނުވާނެ ކަމަށެވެ. މޭޔަރުކަމުގެ ކެމްޕޭނުގައި ހަގީގަތެއް ނެތް ދޮގު ވާހަކަ ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އަރީޝް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވައި ހާލު ބައްލަވައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލްތަކުގެ މަގުސަދާ ބެހޭގޮތުން ވާހަކަދައްކަވަމުން އަރީޝް ވިދާޅުވީ، ކައުންސިލްތަކަކީ ސަރުކާރަށް ޖެއްސުން ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި، އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއި ތަރައްޤީ ގެނައުމަށް މަސައްކަތް ކުރާ ތަނެއް ކަމަށެވެ. މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ކުރާ ކެމްޕޭނަކުން ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން އަރީޝް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ މާލެއަށް ގެންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަ ކަމަށެވެ. ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ކުރެއްވި ހީވާގި އަދި ނަމޫނާ މަސައްކަތްތައް އޮޅުވާލުމުގެ މަގުސަދުގައި ދޮގު ވާހަކަ ފެތުރުމަކީ ކެމްޕޭން ކުރާ ބައެއް ފަރާތްތަކުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

