ޖަރުމަނުވިލާތުގެ މަޝްހޫރު ފުޓުބޯޅަ މަޖައްލާއެއް ކަމަށްވާ "އިލެވެން ފުރެއޮންޑޭ" (11 Freunde) ގައި ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރާއްޖޭގެ ފުޓުބޯޅަ ދަނޑެއްގެ ހިތްގައިމު ފޮޓޯ ހިމަނައިފިއެވެ. 2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރީތި މާހައުލު ފެންނަ ގޮތަށް ނަގާފައިވާ އޭރިއަލް ފޮޓޯތައް ޝާއިއުކުރަމުންދާ މި މަޖައްލާގައި އެންމެ ފަހުން ހިމަނާފައިވަނީ ވިލިމާލެ ފުޓުބޯޅަ ދަނޑުގެ ފޮޓޯއެކެވެ.
މި މަޖައްލާގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ހަތަރު ރަށެއްގެ ދަނޑުތައް ވަނީ ހިމަނާފައެވެ. އެގޮތުން 2023 ވަނަ އަހަރު އދ. މަހިބަދޫ ޕެލޭ ސްޓޭޑިއަމް، 2024 ވަނަ އަހަރު ކ. ގުޅީ ދަނޑު، 2025 ވަނަ އަހަރު ލ. ހިތަދޫ ދަނޑު އަދި 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ވިލިމާލެ ދަނޑުގެ ފޮޓޯ ވަނީ ހިމަނާފައެވެ. މި ފޮޓޯތަކަކީ ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު އަދި ފުޓުބޯޅަ ކޮންޓެންޓް ކްރިއޭޓަރު މުހައްމަދު ނައުޝާދު (ނަޓީ) ނަގާފައިވާ ފޮޓޯތަކެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ނައުޝާދު ބުނީ، ޖަރުމަނުގެ މި މަޖައްލާއިން ރާއްޖޭގެ ދަނޑުތަކަށް ޝައުގުވެރިކަން ފާޅުކުރީ 2022 ވަނަ އަހަރު އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކެއް ފެނިގެން ކަމަށެވެ. "މިއަހަރުވެސް ރާއްޖޭގެ ދަނޑެއްގެ ފޮޓޯ ފޮނުވާފައިވާނީ. އަދި މަޝްހޫރު ތަރިން ގެނެސްގެން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކުގައި ފުޓުބޯޅަ ހަރަކާތްތައް ހިންގުމަށް މިއަހަރުވެސް ވަނީ ރާވާފައި،" ނައުޝާދު ބުންޏެވެ.
ރާއްޖޭގެ ރީތި ފުޓުބޯޅަ ދަނޑުތަކަކީ ދުނިޔޭގެ ފުޓުބޯޅަ ކޮމިއުނިޓީގެ ބޮޑު ސަމާލުކަމެއް ލިބެމުންދާ ތަންތަނެވެ. އެގޮތުން ފާއިތުވި އަހަރު ޔުވެންޓަސްގެ ލެޖެންޑް އެޑްގާ ޑާވިޑްސް ވަނީ މަހިބަދޫއަށް ޒިޔާރަތްކޮށް އެރަށު ދަނޑުގައި މެޗެއް ކުޅެފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ފްރީސްޓައިލަރުން ގެނެސްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ ފުންނާބު އުސް ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ މިހާރު މަގުބޫލު މަންޒިލަކަށް ވެފައިވާއިރު، ބައިނަލްއަގުވާމީ މަޖައްލާތަކުގައި މިފަދަ ފޮޓޯތައް ޝާއިއުކުރުމަކީ ރާއްޖޭގެ ކުޅިވަރު ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެންދާނެ ކަމެކެވެ.

