ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ބަރަކާތްތެރި ރޯދަ މަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައި ‘ރަން ފުރުޞަތު 2026’ ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާރޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ކޮންމެ ހަފްތާއަކު ދޭ އިނާމުތަކުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވާ ބޮޑު އިނާމު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ.
ބޭންކުން ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލްގެ ކާޑު މެޝިން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތަކެވެ. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރިކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިންނަށް ދޭ އިނާމުތަކަށް ބަލާއިރު، ހަފްތާއަކު 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ހަފްތާއަކު މަދުވެގެން 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ.
މުޅި ޕްރޮމޯޝަން ނިމުމުން ހޮވާ ނަސީބުވެރި ފަރާތަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. ބީއެމްއެލްއިން ވިދާޅުވީ މި ބޮޑު އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށެވެ.

