ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު މިއަދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ ޝަމާޙް މަޤާމުން ވަކިކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް، އޭނާ މަޤާމުން ވަކިކުރި ސީދާ ސަބަބެއް އެ ބޯޑުން ހާމަކުރައްވާފައެއް ނުވެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެހެންކަމުން، އޭނާ އެ މަޤާމުގައި ހޭދަކުރައްވާފައިވަނީ ގާތްގަނޑަކަށް 4 މަސް ދުވަހެވެ. ޝަމާޙް އެ މަޤާމަށް އައްޔަނުކުރީ އޭގެ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ފަހުމީ ވަކިކުރުމަށްފަހުގައެވެ.
ސްޓެލްކޯގެ އިސް މަޤާމަށް އައްޔަންކުރުމުގެ ކުރިން ޝަމާޙް ވަނީ މޯލްޑިވްސް އިިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައެވެ. 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި މިފްކޯގެ މަޤާމުން އޭނާ ވަކިކުރިއިރު، އޭގެ ކުރިން އޭނާ ހުންނެވީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

