ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފެށިތާ ފަސް ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކައިފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން އެމްއޭސީއެލް އިން މިއަދު ބުނީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ މުޅި މަޝްރޫއުގެ 18.75 އިންސައްތަ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މަސައްކަތް އަމަލީގޮތުން ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ބޭނުންކުރަމުންދަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.
މި މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ޖުމްލަ 111 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމަކީ އެ ރަށުގައި އެއަރޕޯޓް ތަރައްގީކުރުމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންވާ ބިމެވެ. މަސައްކަތް މިހާރު ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

