ޖަނަވަރީ 15 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ބީފާން ވޮލީ މުބާރާތް 2026 އަށް، ގދ. ފިޔޯރީ އަންހެން ވޮލީ ޓީމުން ވަރުގަދަ ޢަޒުމަކާއެކު ތައްޔާރީތައް ފަށައިފިއެވެ.
އަމިއްލަ ރަށުގައި ބާއްވާ މިފަދަ ބޮޑު މުބާރާތުގެ ތަށި ރަށުގައި ބެހެއްޓުމުގެ ޢަޒުމުގައި ފިޔޯރީން ވަނީ ދެ ޑިވިޝަނަށް ވެސް ޓީމުތައް ނެރެ، ފަރިތަކުރުންތައް ފޯރިއާއެކު ކުރިއަށް ގެންދަން ފަށާފައެވެ.
މިފަހަރުގެ މުބާރާތަށް ފިޔޯރީ އަންހެން ޓީމު ނުކުންނަނީ ރާއްޖޭގެ ވޮލީގެ މަސްރަޙުގައި މަޝްހޫރު ތަރިންތަކާ އެކުގައެވެ. އެގޮތުން 8 އަހަރު ވަންދެން ޤައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަންކަން ކުރި އަދި މިހާރުވެސް ޓީމުގެ ކެޕްޓަންގެ މަޤާމު އަދާކުރަމުންދާ ކުޅުންތެރިޔާ ޙައްވާ ރާޝިދާ އާއި، ޤައުމީ އަންހެން ވޮލީ ޓީމުގައި ގިނަ އަހަރުތަކެއް ވަންދެން މުހިންމު ދައުރެއް އަދާކުރި އައިޝަތު މާޖިދާ ވަނީ އެ ޓީމާ ގުޅިފައެވެ. މީގެ އިތުރުން، އިންޑިއާގެ ހުނަރުވެރި ކުޅުންތެރިޔާ މްރޫނަލްގެ ސަބަބުން ޓީމުގެ ބާރު އިތުރަށް ގަދަވެގެންދާނެއެވެ. މްރޫނަލް އަކީ މިހާރު ކުރިއަށްދާ ރާއްޖެ ސުޕަރ ލީގުގައި ށ. ފުނަދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިއެކެވެ.
ރާއްޖޭގެ ފިރިހެން ޤައުމީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ޓީމު ދަނީ ފުރިހަމަޔަށް ތައްޔާރުވަމުންނެވެ. މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޝަރަފް އަންހެން ޓީމަކަށް ކޯޗުކަން ކޮށްދޭ ފުރަތަމަ ފަހަރެވެ.
ޓީމުގެ މެނޭޖަރު ހަސަން ސާޖިދު ވިދާޅުވީ، ޝަރަފް ފަދަ ކުޅަދާނަ ކޯޗަކު މި ޒިންމާއާ ހަވާލުވީ “ފިޔޯރީ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން” ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފިޔޯރީ ޓީމުން ވަނީ ސްްރީލަންކާގެ ތަޖުރިބާކާރު ކޯޗެއްގެ އެހީތެރިކަން ވެސް ހޯދާފައެވެ.
“ބޭރުން ގެންނަ ތަރިންގެ އިތުރުން، ފިޔޯރީގެ ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ ސަބަބުން ޓީމު ވަރަށް ވަރުގަދަ ވާނެ” މެނޭޖަރު ވިދާޅުވިއެވެ.
މެނޭޖަރު ވިދާޅުވި ގޮތުގައި، ޓީމުގެ “ހުރިހާވެސް އަމާޒަކީ މުބާރާތުގެ ތަށި” އުފުލާލުމެވެ. “ޖޯޝާއި ފޯރީގައި ކެރިގެން، ޓާގެޓަކީ ވިން” ކަމަށް ވިދާޅުވެ، މެނޭޖަރު ވަނީ ފިޔޯރީ ޓީމުން މުބާރާތަށް ނުކުންނާނީ ކާމިޔާބީގެ ފޮނި އުއްމީދުގައިކަން ހާމަކުރައްވާފައެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނީތީ، މެނޭޖަރު ވަނީ ފިޔޯރީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.
ގދ. ފިޔޯރީއަކީ ވޮލީއަށް އިންތިހާއަށް ލޯބިކުރާ ޒުވާނުންތަކެއް ދިރިއުޅޭ، ދާއިރާ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންދާ ރަށެކެވެ.
ބީފާން ވޮލީ މުބާރާތް 2026 އަކީ ފިޔޯރީ ކައުންސިލުން އައުޓްސޯސްކޮށްގެން ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

