ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން ވަކިކޮށް، ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފިއެވެ.
ޝަމާހު މަގާމުން ވަކިކުރުމާ ގުޅިގެން ކުންފުނީގެ ހިންގުމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި އަޒުހަދު ރަމީޒު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ޕްރޮކިއުމަންޓް ދާއިރާގެ ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާއެވެ.
ޝަމާހު މަގާމުން ވަކިކޮށްފައި މިވަނީ، އޭނާގެ އަޑު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އޯޑިއޯގައި ވާހަކަދައްކާ މީހާ ވަނީ ސްޓެލްކޯ މެދުވެރުކޮށް ނާޖައިޒު ފައިދާ ނަގާ ކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް ދައްކާފައެވެ.
މީގެ އިތުރުން، އެ އޯޑިއޯގައި މަގާމުން ވަކިކުރި އަޒުހަދުގެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ. ޝަމާހު ކަމަށް ތުހުމަތުކުރާ އެ މީހާ ބުނެފައިވަނީ “ސްޓެލްކޯއިން އޭނާގެ ކުޅިވަރު އެނގޭނެ ތިބޭނީ ދެ މީހުން ކަމަށާއި އެއީ އަޒްހަދާއި ސާއިދު” ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ޝަމާހު އެންމެ ފުރަތަމަ އައްޔަން ކުރީ މިފްކޯގެ ސީއީއޯގެ މަގާމަށެވެ. ނަމަވެސް އެ ކުންފުނީގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތުތަކެއް ކުރެވި، އެއް މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އޭނާ އެ މަގާމުން ވަކިކުރިއެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ސްޓެލްކޯގެ އެންމެ ފުރަތަމަ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައެވެ.

