ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، މި ވަގުތީ މާރުކޭޓު ތަރައްޤީ ކުރަމުންދަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައި ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދެވަނަ ފިޔަވަހީގައި އާބާދުވަމުންދާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފަސޭހައިން ގަނެވޭނެ މަގު ފަހިކޮށްދިނުމެވެ.
ހުޅުމާލޭގައި އަލަށް ތަރައްޤީ ކުރާ މި ވަގުތީ މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި މިހާރު ކުރިއަށްދަނީ މާރުކޭޓުގެ ވަގުތީ އިމާރާތުގެ މަސައްކަތްތަކެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގޮޅިތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާކުރެއެވެ.
މި މާރުކޭޓުން ގޮޅިތައް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ އެޗްޑީސީގެ ފަރާތުންނެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ ގޮޅިތައް ދޫކުރާނީ ޢާއްމު އުސޫލުގެ ދަށުން ކަމަށާއި، އިމާރާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައި، ގޮޅިތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މިހާރު މާލެ ސަރަޙައްދުގައި އެންމެ ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ސަރަޙައްދެވެ. މިހާރު ދޫކުރަމުންދާ ފްލެޓުތަކާއެކު އެ ސަރަޙައްދުގެ އާބާދީ އެއްލައްކައާ ގާތްކުރާނެ ކަމަށް ބެލެވޭއިރު، އެ ސަރަޙައްދުގައި އަދި ދާއިމީ މާރުކޭޓެއް ގާއިމްކުރެވިފައެއް ނުވެއެވެ.
ނަމަވެސް، ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެޗްޑީސީން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިއަހަރު ގާއިމްކުރާ ވަގުތީ މާރުކޭޓަކީވެސް ރަމަޟާން މަހު ކާބޯތަކެތީގެ ބާވަތްތައް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

