ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލް ނުވަތަ ޓާމިނަލް އެކަކުން ސީޕްލޭންތަކަށް ޚިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ. މި ބަދަލާއެކު އައު ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ޚިދުމަތް މިހާރު ވަނީ ފަސިންޖަރުންނަށް ހުޅުވާލާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވި ގޮތުގައި، ސީޕްލޭނަށް ޗެކިންވާ ފަރާތްތައް ސީޕްލޭން ޓާމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައް މިހާރު ވަނީ ކަނޑައަޅާފައެވެ. މި އިންތިޒާމުގެ ދަށުން، އައު ޓާމިނަލުގެ އެރައިވަލް ގޭޓް 4 ގެ ދެކުނު ޕާކިން ޒޯން ޚާއްޞަކޮށްފައިވަނީ ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލްގެ ސްޓާފް ބަސްތަކަށެވެ.
އެމްއޭސީއެލްއިން ވަނީ އެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ކަނޑައެޅިފައިވާ އުޅަނދުތައް ފިޔަވައި އެހެން ފަރާތްތަކުން އެ ސަރަޙައްދު ބޭނުން ނުކުރުމަށާއި، ބަސްތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
އައު ޓާމިނަލުގައި ސީޕްލޭން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ޖުމްލަ 24 ޗެކިން ކައުންޓަރު ވަނީ ޤާއިމްކޮށްފައެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމަށް ވާއިރު، އައު ޓާމިނަލުން މި ޚިދުމަތް ދޭން ފެށުމަކީ ފަތުރުވެރިންނަށާއި ޚިދުމަތް ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ 41 އެއާލައިނެއްގެ ޚިދުމަތްތައް ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ. މި އައު ބަދަލާއެކު އެއާޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

