ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިއްޔެ ވަކިކުރި އަޙްމަދު ޝަމާޙް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ. ޝަމާޙްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާފައިވާކަން އޭސީސީން ވަނީ މީޑިއާތަކަށް ޔަޤީންކޮށްދީފައެވެ.
އޭސީސީން ބުނެފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް އެ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޝަމާޙް ސްޓެލްކޯގެ އެމްޑީ ކަމުގެ މަޤާމުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ ވަނީ އިޢުލާންކޮށްފައެވެ. އޭނާ އެ މަޤާމުން ވަކިކޮށްފައިވަނީ މަޤާމަށް އައްޔަން ކުރިތާ އެންމެ 4 މަސް ދުވަހުގެ ތެރޭގައެވެ. ޝަމާޙް މަޤާމުން ވަކިކުރުމާ ގުޅިގެން، އެ ކުންފުނީގެ ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރާއެވެ.
ޝަމާޙްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާއިރު، އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ ރެކޯޑިންގެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ އޯޑިއޯގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވާހަކަދައްކާ އަޑު އިވޭއިރު، ޝަމާޙް ވަނީ އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
މީގެ ކުރިން މިފްކޯގެ ސީއީއޯގެ މަޤާމުގައި ހުންނެވި ދުވަސްވަރު ވެސް ޝަމާޙްގެ މައްޗަށް ބައެއް ތުހުމަތުތައް ކުރެވި، މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށްފަހު ވަނީ މަޤާމުން ވަކިކޮށްފައެވެ. ސްޓެލްކޯގެ އެމްޑީ ކަމުން އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

