ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ކަހަލަ ދަތިތައް ހުރިނަމަވެސް، ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އާ އަހަރުގެ ކިޔެވުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ.
އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. ކޮންމެ ރަށަކަށްވެސް ފޮތްތައް ފޮނުވަމުންދަނީ އެ ސްކޫލަކަށް އެ އަހަރަކަށް ވައްދާ ދަރިވަރުންގެ އަދަދުތަކަށް ބަލައިގެންނެވެ. މިހާތަނަށް އަތޮޅުތަކުގެ ގިނަ ސްކޫލްތަކަށް ފޮތްތައް ފޮނުވާފައިވާއިރު، މާލޭގެ ގިނަ ސްކޫލްތަކުގައިވެސް ފޮތްތައް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ފޮތްތައް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިން އަރަބިއްޔާ ސްކޫލްގެ ބޮޑު ގުދަނެއްގައި ކުރަމުންދިޔަ މަސައްކަތްތައް މިހާރު އަމީނިއްޔާ ސްކޫލަށް ބަދަލުކުރުމުން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި މާލޭގެ އުތުރު ބަނދަރު ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން ބޯޓުފަހަރަށް ތަކެތި ބަރުކުރުމުގައިވެސް އުނދަގޫތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“މިކަންކަމާއެކުވެސް %100 ޔަގީންކަން ދެން، ސްކޫލް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ދެން” ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރަށްރަށުގެ 60 އިންސައްތައަށް މިހާރު ވަނީ ފޮތްތައް ފޮނުވާ ނިންމާފައެވެ. އަތޮޅުތަކުގެ ރަށްރަށުގައި ފޮތްތައް ބަހަމުންދާނީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮތްތައް ފޮނުވުމުން އެ ސްކޫލްތަކުގެ ބެލުމުގެ ދަށުންނެވެ.
ނިންމާލައްވަމުން ވަޒީރު ވިދާޅުވީ ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. ފޮތްތައް ހަވާލުކުރުމުގެ އިތުރުން، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، އާ އަހަރަށް ބޭނުންވާ މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

