ކުޅިވަރު އެސޯސިއޭޝަނެއްގެ ކޯޗަކު، އޭނާގެ ބެލުމުގެ ދަށުން ތަމްރީނުވަމުން ދިޔަ ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމްރީނު ކުރުމުގެ އިސް ޒިންމާއެއް އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، “ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތްލީޓުން ތަމްރީނުކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން” ކަމަށެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލު ދެމުން ފުލުހުން ވިދާޅުވީ، މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ކޯޗުގެ މައުލޫމާތެއް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ސީރިއަސް ކުށްތަކެއްކަން ފާހަގަކޮށްލެވެއެވެ.

