މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރަމުންދާ "ގަލޮޅު ޕާކް"، ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި އެއްކަމަކީ ވީރާނާވެފައިވާ ގަލޮޅު ސިޓީ ޕާކް އަލުން ތަރައްގީކޮށް ހުޅުވައިދިނުމަށެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ރައްޔިތުންގެ މަޝްވަރާއާއެކު ފެށުމަށް ނިންމެވި މުހިންމު މަސައްކަތެކެވެ. އެގޮތުން ސިޓީ ޕާކުގެ ކުރެހުން އެކުލަވާލައިފައި ވަނީ ގަލޮޅު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.
މި ޕާކު ތަރައްގީކުރުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވަނީ އެންމެންނަށް ބޭނުންކުރެވޭނެ ފަދަ ތަނަކަށް ހެދުމަށެވެ. މިގޮތުން ރައީސް މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ "އެ ޕާކު ތައްޔާރު ކުރާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭ ތަނެއްގެ ގޮތުގައި" ކަމަށެވެ.
ސިޓީ ޕާކު އަލުން ތަރައްގީކުރަން އެތަން ބަންދުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ އޭޕްރީލް މަހު ވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
އަލަށް ހުޅުވޭ ގަލޮޅު ޕާކުގައި ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފައެވެ. އޭގެ ތެރޭގައި އައުޓްޑޯ ޖިމް އެއްގެ އިތުރުން، ކުޑަކުދިންނަށް ހާއްސަ ސްލައިޑްތަކާއި އުނދޯލިތައް ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ތުރީ އޮން ތުރީ ބާސްކެޓް ކޯޓެއްގެ އިތުރުން ބެޑްމިންޓަން ކޯޓެއް ވެސް ސިޓީ ކައުންސިލުން ވަނީ މި ޕާކުގައި ތަރައްގީ ކޮށްފައެވެ.


