ތިމާވެށި ޙިމާޔަތް ކުރުމާއި، ރާއްޖޭގެ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އަބޫދާބީގައި ބޭއްވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމެވެ. އައިރީނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ އެޖެންސީގެ ޑައިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ހަކަތައިގެ ދާއިރާއިން މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ އާ ދާއިރާތައް ދެނެގަނެ، އެކަމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެއިތުރުން ތިމާވެށި ޙިމާޔަތް ކުރުމާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ރާއްޖެއާއި އައިރީނާއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދައްކަވާފައެވެ. މިގޮތުން ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ ޖޮއިންޓް ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

