މާލޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން އިއްޔެ މާލޭގައި ހިންގަމުންދިޔަ ހަތަރު ތަނެއް ބަލައި ފާސްކޮށް، ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވުމުގެ މަސައްކަތްތައް ވެސް އިމިގްރޭޝަނުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމިގްރޭޝަނުން ދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ އިތުރުން، މާލޭގެ އާންމު ތަންތަނުގައި ބިދޭސީންގެ ހަރަކާތްތައް މޮނިޓަރުކުރުމަށްޓަކައި އިމިގްރޭޝަންގެ އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

