ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން “ޚާއްޞަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ” އަށް އެދުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މުވައްޒަފުންނަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވެއްޖެއެވެ. ނަމަވެސް، ގަވާއިދަށް ގެނައި އިތުރު ލުޔެއްގެ ދަށުން، މުވައްޒަފުގެ އާއިލާގެ މެންބަރަކު އެފަދަ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ ނަމަވެސް މި ޗުއްޓީއަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ގެންދަވަނީ މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ގަވާއިދުތަކަށް ބަދަލުތައް ގެނެސް، ޒަމާނީ ޚިދުމަތްތަކެއް ތައާރަފު ކުރަމުންނެވެ. މިގޮތުން، ޚާއްޞަ ހާލަތްތަކުގައި ޗުއްޓީއަށް އެދޭ މުވައްޒަފުންނަށް، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާގެ ބަދަލުގައި ސީދާ ކޮމިޝަނަށް ހުށަހަޅައިގެން ޗުއްޓީ ހަމަޖެއްސޭނެ އިންތިޒާމު މިހާރު ވަނީ ގާއިމުކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ލީގަލް އެފެއާޒް ޑިވިޛަންގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރަޝީދު ވިދާޅުވީ، މި ފުރުޞަތު ހުޅުވާލުމުން ބައެއް މުވައްޒަފުންނަށް އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. “އަސްލު މިއުސޫލުގެ ދަށުން ޚާއްޞަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީއަށް އެދެވޭނީ މިސާލަކަށް ކެންސަރު ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް. އެހެން ފަރާތްތަކުން މިއުސޫލުން ޗުއްޓީއަށް ހުށައެޅުމުން ޚިދުމަތް އެފަރާތްތަކަށް ދިނުމުގައި ވަގުތުތަކެއް ނަގާނެ،” އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
މި ޗުއްޓީއަށް އެދޭ މުވައްޒަފުން، ޗުއްޓީ ބޭނުންވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން ހުށަހަޅަންޖެހެއެވެ. އެހެންނަމަވެސް، ކޮމިޝަނުން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ހުށަހަޅާ ހާލަތްތަކުގައިވެސް، މުވައްޒަފުންގެ ހާލަތަށް ބަލައި ވީހާވެސް އަވަހަކަށް ޗުއްޓީ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުސޫލުގައިވާ ގޮތުން، ބަލި ތަހައްމަލު ކުރަނީ ސީދާ މުވައްޒަފު ނަމަ، ފުރަތަމަ ފަހަރަށް 60 ދުވަހުގެ ޗުއްޓީއަކަށް އެދެވޭނެއެވެ. އަދި ބަލި މީހަކީ މުވައްޒަފުގެ އާއިލާ މެންބަރެއް ނަމަ، އެ މުވައްޒަފަކަށް 30 ދުވަހުގެ ޗުއްޓީއެއް ހަމަޖައްސައިދެވޭނެއެވެ. މި ބަދަލުގެ ސަބަބުން އޮފީސްތަކާއި ކޮމިޝަނާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް މަދުވެ، މުވައްޒަފުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

