ދިވެހިރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ އެންމެ ކުރީގެ އެއް ޚިދުމަތްތެރިޔާ އަދި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވެއްޖެއެވެ. ނަޢީމް އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ.
ނަޢީމް އަވަހާރަވުމާ ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ފުން ހިތާމަ ފާޅުކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ނަޢީމް ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ ހަނދާން ދިވެހި ތާރީޚުގެ ސަފްޙާތަކުގައި ތާއަބަދު ފެންނަން ހުންނާނެ ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަޢީމްގެ ވަކިވެ ދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. އަދި ނަޢީމްގެ ހަނދާން އަބަދުވެސް އެ ސިނާޢަތުން ކުރާނީ ޝުކުރުވެރިކަމާ އެކުގައި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މުޙައްމަދު ނަޢީމް ޙުސެއިންއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީންކޮށް، ޚިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވައި، މި ސިނާޢަތް ބިނާކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ދިވެހި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ޚިދުމަތްތަކެއް ކުރެއްވި ނަޢީމަކީ، ރާއްޖޭގެ އުދުހުންތަކުގެ ދާއިރާ ކުރިއެރުވުމުގައި ފާހަގަކޮށްލެވޭ ފަދަ ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

