އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
ފެބްރުއަރީ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިއްވަވާ ތިންވަނަ ރިޔާސީ ބަޔާނެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެއެވެ. މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންޖެހޭއިރު، ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދޭންވާނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

