ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސަރުކާރުން އަލަށް އުފެއްދި ކުންފުނި، “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ދަށަށް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރަތަކެއް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ސެޕްޓެމްބަރު 9 ވަނަ ދުވަހު ސަރުކާރުން އުފެއްދި މި ކުންފުނީގެ ދަށަށް ފާމަސީތައް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ އެންމެ ފަހުގެ މަރުޙަލާތައް މިހާރު އަންނަނީ ފުރިހަމަކުރަމުންނެވެ. މި ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެސްޓީއޯގެ 196 ފާމަސީއެއް އާ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެއެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އެ ފާމަސީތަކުގައި މަސައްކަތްކުރާ 600 އެއްހާ މުވައްޒަފުންނާ ވެސް އެކުގައެވެ. އެސްޓީއޯގެ އަމާޒަކީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ކުރިން ހުރިހާ ބޭސް ފިހާރަތަކެއް އާ ކުންފުނީގެ ދަށަށް ބަދަލުކޮށް ނިންމުމެވެ.
ފާމަސީތަކުގެ އިތުރުން، އެންސްޕާ މެދުވެރިކޮށް ގެންނަ އެބްރޯޑް ޕްރެސްކްރިޕްޝަންތަކާއި ޔޫއެންޑީޕީ ބަލްކް ޕްރޮކިއުމެންޓްގެ ދަށުން ބޭސް ގެނައުމުގެ މަސައްކަތްތައް ވެސް އާ ކުންފުންޏާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ ބޭހަށް ޚާއްޞަ ކުންފުންޏެއް އުފައްދައި، އެ ދާއިރާގެ ޒިންމާތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. މި މަސައްކަތުގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމުތައް ފަހިކޮށްދިނުމުގެ ގޮތުން، މިހާރު ވެސް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރާ ބޭހުގެ އަދަދު ވަނީ 900 އާ ހަމައަށް އިތުރުކޮށްފައެވެ.

