ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވި އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މީގެ ބައި ޤަރުނު ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދުނިޔެއަށް ހުޅުވާލުމަށްފަހު، ބައިނަލްއަޤުވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނަޢީމްގެ ހަނދާނާ ކަމަށެވެ. އެހެންކަމުން އޭނާގެ ޚިދުމަތަކީ ޤައުމީ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު މަސައްކަތްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ނަޢީމް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ވެރިންނަށާއި މުވައްޒަފުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ރައީސް ދުޢާ ކުރެއްވިއެވެ.
އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިންއަކީ 1967 ވަނަ އަހަރުން ފެށިގެން އެއަރޕޯޓުގެ ޚިދުމަތާ ގުޅިވަޑައިގެން، ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

