ހދ. ކުޅުދުއްފުށި ސިޓީގައި ގްރޭޑް 10 އެއްގައި ތައުލީމު ހާސިލްކުރަމުން ދިޔަ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އެ ރަށަށް ނިސްބަތްވާ ޝަޒްފާ އަބްދުﷲ އެވެ.
އާއިލާއާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝަޒްފާ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ނިޔާވުމުގެ ކުރިން ބޮލުގައި ވަރަށް ގަދައަށް ރިއްސާތީ އޭނާ ބޭސް ކެއި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، އޭނާ ނިޔާވާން ދިމާވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ މަންމައަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ.
މި ހާދިސާއާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އަދި އެހެންވެސް ރަސްމީއިދާރާއެއްގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް އަދި ވަނީ ނުވެފައެވެ.
ޝަޒްފާގެ ކަށުނަމާދާއި ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު، ކުޅުދުއްފުށީ މަސްޖިދުލް ހަލާރާތުގައެވެ. ފުރާވަރުގެ މިޅައުމުރުގައި ކުއްލި ގޮތަކަށް ޝަޒްފާ ނިޔާވުމާ ގުޅިގެން މުޅި ކުޅުދުއްފުށި ސިޓީއަށް ލިބިފައިވަނީ ނުހަނު ފުންހިތާމައެކެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ، މަރުހޫމާގެ ފާފަތައް ފުއްސަވައި ހެޔޮރަޙްމަތް ލައްވާނދޭނވެ. އާމީން!

