އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި 2016 އިން 2024 އަށް އުފަންވި ކުދިންގެ ތެރެއިން ހަތަރު އިންސައްތައަށްވުރެ ގިނަ ކުދިންގެ ކިބައިގައި އުފަންވާއިރު ހުންނަ އައިބުތައް (ބާތު ޑިފެކްޓްސް) ހުރިކަން ގައުމީ ފެންވަރުގެ ފުރިހަމަ ދިރާސާއަކުން ހާމަވެއްޖެއެވެ. މި މުހިންމު ދިރާސާ ކުރައްވާފައި ވަނީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. އަހްމަދު ފައިސަލް، ޑރ. ހަމްސާ އާރިފް ރަޝީދު، ޑރ. މިހްނަތު މުސްތަފާ އަދި ޑރ. ނިޔާޝާ އިބްރާހިމްއެވެ.
ނުވަ އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި އައިޖީއެމްއެޗްގައި އުފަންވި 17,188 ކުދިންގެ މައުލޫމާތު ތަހުލީލުކޮށްފައިވެއެވެ. ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ޖުމްލަ 729 ކުއްޖެއްގެ ކިބައިގައި އުފަންވާއިރު ހުންނަ މަދުވެގެން އެއް އައިބު ހުއްޓެވެ. މިއީ ކޮންމެ 1,000 ކުދިންގެ ތެރެއިން 42.4 ކުދިންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް މި ދާއިރާއިން ކުރެވުނު އެންމެ ތަފްސީލީ އެއް ދިރާސާއެވެ.
އެންމެ އާންމުކޮށް ފެންނަ އައިބުތައް
މި ދިރާސާއިން ދައްކާގޮތުގައި އެންމެ އާންމުކޮށް ފެނިފައިވަނީ ލޭދައުރުކުރާ ނިޒާމާ ގުޅުންހުރި އައިބުތަކެވެ. އެއީ ރެކޯޑުކުރެވުނު ހުރިހާ އައިބުތަކުގެ ގާތްގަނޑަކަށް 29 އިންސައްތައެވެ. މީގެ ތެރޭގައި ހިތުގެ ބައެއް ބަލިތައް ކަމަށްވާ ވެންޓްރިކިއުލާ ސެޕްޓަލް ޑިފެކްޓްސް، އޭޓްރިއަލް ސެޕްޓަލް ޑިފެކްޓްސް އަދި ޕޭޓަންޓް ޑަކްޓަސް އާޓީރިއޯސަސް ފާހަގަކޮށްލެވެއެވެ. ދެވަނައަށް އެންމެ ގިނައީ ކަށިތަކާއި މަސްތަކުގެ ނިޒާމާ ގުޅުންހުރި އައިބުތައް ކަމަށްވާއިރު، ތިންވަނައަށް އެންމެ ގިނައީ ހަޖަމުކުރާ ނިޒާމުގެ އައިބުތަކެވެ.
ދިރާސާކުރި ޑޮކްޓަރުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ އައިބުތަކާއެކު އުފަންވި ގިނަ ކުދިންނަކީ ދުވަސް ފުރައި އުފަންވި ކުދިންނެވެ. މީގެ ތެރެއިން ގިނަ ކުދިން އުފަންވެފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. އަދި އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިންގެ ކިބައިގައި މިފަދަ އައިބުތައް ހުރި މިންވަރު އިތުރުކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އުފަންވާއިރު ހުންނަ މިފަދަ އައިބުތަކުގެ ސަބަބުން ތުއްތު ކުދިންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާކަން މި ދިރާސާއިން ހާމަވެއެވެ. އެގޮތުން މިފަދަ އައިބުތަކާއެކު އުފަންވި ކުދިންގެ 11 އިންސައްތައަށްވުރެ ގިނަ ކުދިންނަށް އުފަންވުމާއެކު ނޭވާލެއްވުމަށް އެހީތެރިކަން (ރިސަސިޓޭޝަން) ބޭނުންވިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ލަފާ
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، މި ދިރާސާ ބިނާކޮށްފައިވަނީ ހަމައެކަނި އައިޖީއެމްއެޗްގައި އުފަންވި ކުދިންގެ މައްޗަށް ކަމަށްވާތީ، މުޅި ގައުމުގެ ހާލަތު މިއަށްވުރެ ގޯސްވުން އެކަށީގެންވެއެވެ. މިއީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ސަރަހައްދީ ނިޒާމެއްގެ ދަށުން ރާއްޖެއިން 2015 އިން ފެށިގެން ކުރަމުންދާ މަސައްކަތެކެވެ. އުފަންވާއިރު ހުންނަ ގިނަ އައިބުތަކަކީ ކުރިއާލައި ދެނެގަނެވިއްޖެނަމަ ރައްކާތެރިވެވިދާނެ ކަންކަން ކަމުގައި ޑޮކްޓަރުން ފާހަގަކުރައްވައެވެ.
މާބަނޑުވުމުގެ ކުރިންނާއި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމާއި ސްކްރީންކުރުން އިތުރުކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކުގައި އައިބުތައް ދެނެގަތުމުގެ ނިޒާމު ފުޅާކުރުމަށާއި އާންމުން ހޭލުންތެރިކުރުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

