އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައިތާ ދެ ދުވަސް ނުވަނީސް، ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އަހުމަދު ލަތީފް (ރަތަމަލާނާ އަހުމަދު) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
އަހުމަދު ދަންނަ ފަރާތަކުން މައުލޫމާތު ދެމުން ބުނީ ރާއްޖެއައުމަށްފަހު ފުވައްމުލަކަށް ދިއުމުގެ ކުރިން އަހުމަދު ދިޔައީ އޭނާ އއ. ތޮއްޑޫއަށް ކަމަށެވެ. އެރަށުގައި އޭނާ ހިންގާ ގެސްޓް ހައުސްއެއް ހިންގާ ކަމަށާއި ނިޔާވެފައި ވަނީ ނިޔާވީ ފާހަނައިގައި ފެންވަރަން ހުއްޓާ ކުއްލިއަކަށް ވެއްޓިގެން ކަމަށެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، އަހުމަދު ލަތީފް އުމްރާގެ އަޅުކަން ނިންމުމަށްފަހު މާލެ އައީ އިއްޔެއެވެ. މާލެ އައުމަށްފަހު އޭނާ ތޮއްޑޫއަށް ދިޔައީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން އަހުމަދު ލަތީފްގެ ކޮއްކޮ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު އައިމިނަތު އިނާޔާ، ސަން މީޑިއާއަށް ވިދާޅުވީ، އޭނާ ނިޔާވީ ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. “އެނގެނީ ހަމަ ކުއްލި ގޮތަކަށް ހުއްޓުނީކަން، އިތުރު ތަފްސީލެއް އަދި ނޭނގޭ،” އިނާޔާ ވިދާޅުވިއެވެ. އަހުމަދު ނިޔާވިއިރު އޭނާގެ އަންބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
އަހުމަދު ލަތީފަކީ ދަންނަ އެންމެންގެ މެދުގައި މަގުބޫލު، ހިތްހެޔޮ އަދި ދީލަތި އެހީތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު މީހެކެވެ. އޭނާގެ ކުއްލި ވަކިވުމާއެކު ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
މިއީ މިއަދު ރާއްޖޭގައި ހިނގި ކުއްލި މަރުގެ ދެވަނަ ހާދިސާއެވެ. މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގައި ވެސް 16 އަހަރުގެ އަންހެން ކުއްޖަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. ގްރޭޑް 10 އެއްގައި ކިޔަވަމުންދިޔަ ޝަޒްފާ އަބްދުﷲ އިބްރާހިމް ނިޔާވެފައި އޮއްވާ ފެނުނީ، ސްކޫލަށް ދާން ގޮވުމުން ޚަބަރެއް ނުވެގެން ބެލި ބެލުމުންނެވެ. އޭނާގެ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށްފަހު ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ. ހަމައެހެންމެ މިނިމުނު ހަފުތާތެރޭގަައި ޓިކްޓޮކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަމްޖަދުވެސް ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. އަމްޖަދުގެވެސް ޚަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނިގެން ބެލިއިރު އޮތީ ނިޔާވެފައެވެ.

