މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފުރިހަމައަށް ތަރައްގީ ކުރި "ގަލޮޅު ޕާކް" ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކަކީ ގަލޮޅު އަވަށުގައި އޮންނަ ހަމައެކަނި ޕާކަށް ވާއިރު، މިއަދު މިތަން ހުޅުވާފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކަކާއެކުގައެވެ.
އަލުން ތަރައްގީކޮށް ހުޅުވި މި ޕާކުގައި ގިނަ ވަސީލަތްތަކަކާއެކު އައުޓްޑޯ ޖިމެއް ގާއިމްކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ސްލައިޑާއި އުނދޯލި ފަދަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ. ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތުރީ އޮން ތުރީ ބާސްކެޓް ކޯޓަކާއި ބެޑްމިންޓަން ކޯޓެއްވެސް މި ޕާކުގައި ވަނީ ތަރައްގީކޮށްފައެވެ.
ގަލޮޅު ސިޓީ ޕާކް އަލުން ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، އެ އަވަށުގެ ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި އެއް ކަންތަކެވެ. ވީރާނާވެފައި އޮތް މި ޕާކު އަލުން ތަރައްގީކޮށްދިނުމަށް ރައްޔިތުން އެދެމުންދިޔަ އެދުމާ އެއްގޮތަށް ސިޓީ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމިއެވެ.
މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ސީދާ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، އެ ފަރާތްތަކުން ބޭނުންވާ ކަންކަމަށް އިސްކަންދީގެންނެވެ. މިއަދު މި ހުޅުވުނު ޕާކަކީ ގަލޮޅުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ކަސްރަތު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ މުހިންމު ތަނެކެވެ.

