ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ފާއިތުވި ދެ އަހަރަކީ ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ އަހަރުތައް ކަމަށެވެ. އަދި ކުރިއަށް އޮތް ދިރާސީ އާ އަހަރަށް ތައްޔާރުވުމަށްޓަކައި ސްކޫލްތަކަށް ބޭނުންވާ މަރާމާތަކީ ވުޒާރާއިން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އެއް މަސައްކަތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުން މަރާމާތަށް ބޭނުންވެގެން ހުށަހެޅި ހުރިހާ ކަމެއް ހަމަޖައްސައިދީފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، “މި ފަހަރުގެ މަރާމާތަށްވެސް 20 މިލިއަން ދޫކޮށްލައިފިން. އަތޮޅުތަކާއި މާލެއިން ލިބުނު ހުރިހާ ރިކުއެސްޓްތަކަށް ހުއްދަ ދީފިން. މީގެތެރޭގައި އިމާރާތުގެ މަރާމާތާއި ކަރަންޓު މަސައްކަތް، ދޮރުތައް ބަދަލުކުރުން އަދި ފާޚާނާތައް މަރާމާތުކުރުންފަދަ މަސައްކަތްތައް ހިމެނޭ،” ކަމަށެވެ.
ބައެއް ސްކޫލްތަކުގައި ބޮޑެތި މަރާމާތުތަކެއް ހުރިކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ސްކޫލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާނެ ކަމަށެވެ. އަދި އެ ނޫން މަސައްކަތްތައް ސްކޫލް ހުޅުވުމަށްފަހުވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ ދިރާސީ އާ އަހަރުގެ ތައްޔާރީތައް ތަޢުލީމީ ވުޒާރާއާއި ސްކޫލްތައް ގުޅިގެން ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. މިއީ ދަރިވަރުންނަށް ރަނގަޅު ތަޢުލީމީ މާޙައުލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

