އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ގުޅިގެން، އެ ގައުމަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ބަންގްލަދޭޝް ސަރުކާރުން ނިންމައިފިއެވެ.
ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަަނަ ދުވަހުގެ ނިޔަލަށް، ބަންގްލަދޭޝްއަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން އެ ޤައުމުގެ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. މިއީ އެ ގައުމުގެ އާންމު އިންތިޚާބާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ވިސާ ހޯދުމަށްޓަކައި ހުޅުމާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނަށް ހުށަހެޅުމަށް އެ ވުޒާރާއިން އެދިވަޑައިގަންނަވައެވެ.
ބަންގްލަދޭޝް ހައިކޮމިޝަން މިހާރު ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު 16 ނަންބަރު ގޯޅި، ޕްލޮޓް 10982 ގައެވެ. ވިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުއްވުމަށް ނުވަތަ mission.male@mofa.gov.bd އަށް އީމެއިލް ކުރެއްވުމަށް ޚާރިޖީ ވުޒާރާއިން އިރުޝާދު ދެއްވައެވެ.
މީގެ އިތުރުން، އޮން އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މަޢުލޫމާތު ބަންގްލަދޭޝް ސަރުކާރުން ކަނޑައަޅާފައިވާ ޚާއްޞަ ލިންކު މެދުވެރިކޮށްވެސް ބަލާލެވޭނެ ކަމަށް އެ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

