ބީފާން ވޮލީ މުބާރާތް 2026 ގައި ބައިވެރިވާ ޓީމުތައް، މުބާރާތް ހޯސްޓުކުރާ ރަށް، ގދ. ފިޔޯރީއަށް އަންނަން ފަށައިފިއެވެ.
މުބާރާތުގެ ފޯރި މުޅި ރަށުގައި ގަދަވެފައިވާއިރު، ފިޔޯރީގެ ރައްޔިތުން އަންނަނީ ވަރަށް ރިވެތި މެހެމާންދާރީއަކާއި ނުފިލާ ހިނިތުންވުމަކާއެކު ކުޅުންތެރިންނަށް މަރުޙަބާ ކިޔަމުންނެވެ.
މި މުބާރާތަށް އެންމެ ފުރަތަމަ ފިޔޯރީއަށް އައީ އަންހެން ޑިވިޝަންގައި ވާދަކުރާ ފުވައްމުލަކު ފުނާޑު ޓީމެވެ. އޭގެ ފަހުން، ފިޔޯރީގެ ފިރިހެން އަދި އަންހެން ޓީމުތަކަށް ކުޅުމަށް ހަމަޖެހިފައިވާ ރަށުން ބޭރުގެ ކުޅުންތެރިން ވެސް މިހާރު ވަނީ އެ ރަށަށް ވާސިލްވެފައެވެ. މީގެ އިތުރުން، ރަތަފަންދޫ ޓީމުތަކާއި، ފުވައްމުލަކު ދަނޑިމަގު ޓީމު ފިޔޯރީއަށް އައުމަށް ހަމަޖެހިފައިވަނީ މުބާރާތް ފަށާ ދުވަސް ކަމަށްވާ ޖަނަވަރީ 15 ގައެވެ.
މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކަކުން ވެސް ބުނެފައިވަނީ މުބާރާތަށް ވަމުންދާ ތައްޔާރީތައް ވަރަށް ފުރިހަމަ ކަމަށެވެ. ހުރިހާ ޓީމެއްގެ ވެސް "ހަމައެކަނި އަމާޒަކީ" ވާދަވެރި "ބީފާންގެ ވާދައިގެ ތަށި"ކާމިޔާބު ކުރުމެވެ. މި ފޯރިގަދަ މުބާރާތުގެ ގުރުލުން މިރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބީފާން ވޮލީ މުބާރާތަކީ ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް އިންތިޒާމު ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ފިޔޯރީ ފޭސް ޖަމިއްޔާއާއެވެ.
މި މުބާރާތުގެ ފައިސާގެ އިނާމުތަކަށް ބަލާއިރު، ޗެމްޕިއަން ޓީމުތަކަށް 50,000 ރުފިޔާ އަދި ރަނަރަޕް ޓީމުތަކަށް 25,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓީމުތައް ރަށަށް ޖަމާވާން ފެށުމާއެކު، ފިޔޯރީގެ މަގުތަކުންނާއި ކުޅިވަރު މައިދާންތަކުން ފެންނަނީ އާދަޔާ ހިލާފު ފޯރިއަކާއި ދިރުމެކެވެ.

