ބީފާން ވޮލީ މުބާރާތް 2026 ގެ ޖާޒީ ޕާޓްނަރަކަށް ވައިޓް ރެބިޓް ސްޕޯޓްސް ހަމަޖައްސައިފިއެވެ. އަދި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް މުއާސަލާތީ ކުންފުނި ދިރާގު ވެސް ވަނީ ހަމަޖައްސާފައެވެ.
ވައިޓް ރެބިޓް ސްޕޯޓްސް، އަދި ދިރާގުން ވަނީ ރާއްޖޭގައި ބާއްވާ ބޮޑެތި ކުޅިވަރު މުބާރާތްތަކާއި އެކި ހަފްލާތަކުގައި މީގެ ކުރިންވެސް ކާމިޔާބުކަމާއެކު ބައިވެރިވެފައެވެ.
މި މުބާރާތުގެ އެހެނިހެން މުހިންމު ޕާޓްނަރުންނަށް ބަލާއިރު، ބެވަރެޖް ޕާޓްނަރަކަށް ކޮކާ ކޯލާ ވަނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ލައިވް ސްޓްރީމް ކުރުމާއި އިވެންޓް މެނޭޖްމަންޓްގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އޮރިއޮން އެފްއެކްސް އާއެވެ. މީގެ އިތުރުން ބްރޭންޑިން އަދި ޑިޒައިނިން ޕާޓްނަރެއްގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.
ޖުމްލަ ދެ ޑިވިޝަނަކަށް ބަހާލައިގެން ބާއްވާ މި ފޯރިގަދަ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ރާއްޖޭގެ ވޮލީ ޤައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން، ރާއްޖެއިން ބޭރުގެ ހުނަރުވެރި ކުޅުންތެރިންވެސް ފެނިގެންދާނެއެވެ.
މުބާރާތުގެ ފޯރި މިހާރުވެސް ގަދަވެފައިވާއިރު، ބައެއް ޓީމުތަކުން މިހާރު ވަނީ މުބާރާތް ހޯސްޓްކުރާ ރަށް ކަމަށްވާ ގދ. ފިޔޯރީއަށް ގޮސްފައެވެ. އަދި ބާކީ ތިބި ޓީމުތަކުން ޖެނުއަރީ 15 ވަނަ ދުވަހު ފިޔޯރީއަށް ދިއުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

