މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ޖުމުލަ 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް މަތީ ތަޢުލީމާއި ތަމްރީނާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ފުރުޞަތުތަކަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ނިމިދިޔަ އަހަރު ސްކޮލަރޝިޕް ފުރުޞަތުތަކަށް ސަރުކާރުން 222 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަލަށް ސްކޮލަރޝިޕް ލިބުނު 205 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 120 އަންހެން ދަރިވަރުންނާއި 85 ފިރިހެން ދަރިވަރުންނެވެ. ފާއިތުވި ދެ އަހަރަށް ބަލާއިރު، ޖުމުލަ 411 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވާއިރު، އެކަމަށް 471 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ދަސްވެނިވި ދަރިވަރުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް 180 ދަރިވަރުން ވަނީ ކިޔެވުން ނިންމައި ދަސްވެނިވެފައެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމުލަ 441 ދަރިވަރުން ވަނީ ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލުކޮށް ނިންމާފައެވެ. މިވަގުތުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ޤައުމެއްގައި 602 ދަރިވަރުން އަންނަނީ ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންނެވެ.
ސަރުކާރުން ދޭ މި ސްކޮލަރޝިޕްތަކަކީ ކިޔެވުމުގެ ހުރިހާ ޚަރަދެއް ހިމެނޭހެން ދޭ ފުރުޞަތުތަކެކެވެ. މީގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ދޭ ފުރުޞަތުތަކުގެ އިތުރުން، އެކި ޤައުމުތަކާއެކު އޮންނަ ގުޅުމުގެ ދަށުން ލިބޭ ފުރުޞަތުތައްވެސް ހިމެނެއެވެ.
ޚާއްޞަ އިސްކަމެއް ދީގެން މިދިޔަ އަހަރު ވަނީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކަ އިއާދަކުރުމަށް “ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް” ތަޢާރަފުކޮށްފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ތަރިކަ ދިރާސާ ކުރުމުގެ ދާއިރާއިން 40 ފަރާތަކަށް ވަނީ ފުރުޞަތު ފަހިކޮށްދީފައެވެ.

