އދ.ފެންފުށީ ސްކޫލުގައި އަޅަމުންދާ އައު ކްލާސްރޫމު އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. އާރްޑީސީން ބުނީ މިހާރު މި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.
ދެ ފަންގިފިލާއަށް ތަރައްޤީ ކުރާ މި އިމާރާތަކީ ޖުމްލަ 4 ކްލާސްރޫމުގެ އިމާރާތެކެވެ. މި މަޝްރޫޢަކީ ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އާރްޑީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ އިންޓީރިއަރ އަދި އެކްސްޓީރިއަރގެ މަސައްކަތްތަކެވެ.
ފެންފުށީ ސްކޫލު އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެވެ. އެ ފަހަރު 4.6 މިލިޔަން ރުފިޔާއަށް 5 މަސް ދުވަހުގެ ތެރޭގައި ނިންމަން ޙަވާލުކުރި ނަމަވެސް، މަސައްކަތް ލަސްވެ، މިދިޔަ އަހަރާ ހަމައަށްވެސް މަސައްކަތް އޮތީ ނުނިމި ހުއްޓިފައެވެ.
މި މަސައްކަތް އަވަސްކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އާރްޑީސީއާ މި މަސައްކަތް ޙަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެންފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުން ވަނީ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް އެދިފައެވެ. 1200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މި ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން، ދިރާސީ އަހަރު ފެށުމުގެ ކުރިން މި މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
އާރްޑީސީން މިހާރު މަސައްކަތް ކުރަމުންދަނީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ދަރިވަރުންނަށް އައު ކްލާސްރޫމްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

