މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ އުސޫލުގެ ދަށުން، 28 ދޯންޏަކަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ޖަމާކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކިރުވާފައިވާ މަހަށް ދޭންޖެހޭ ފައިސާއެވެ. އެގޮތުން ޖުމްލަ 949,237.32 (ނުވަ ލައްކަ ސާޅީސް ނުވަ ހާސް ދުއިސައްތަ ތިރީސް ހަތް ރުފިޔާ، ބައްތިރީސް ލާރި) މަސްދޯނިފަހަރަށް ވަނީ ޖަމާކޮށްފައެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމެކެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތް ނަމަވެސް، މި ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ފައިސާ ދޫކޮށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ވަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާފައެވެ. މި ބަދަލާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި، ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމަކީ އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

