މާލޭގެ ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، ރަމަޟާން މަހުގެ ކުރިން މި މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެބްރުއަރީ 15ގެ ކުރިން ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިހާރުވެސް މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވަމުން ޝަރުވަސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީން ބުނާ ގޮތުގައި މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެއެވެ. މިއީ މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މި މަޝްރޫޢުގެ ސަބަބުން މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

