2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލަޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އަމިއްލަ މީޑިއާތަކަށް ދައުލަތުން ފައިސާ ދޫކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މިފަދަ ބޮޑު މާލީ އެހީއެއް ދިން ފުރަތަމަ ފަހަރެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން، ޝަރުތު ހަމަވާ 40 މީޑިއާއަކަށް ފައިސާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އެހީގެ ދަށުން ޖުމްލަ 27,295,532.69 (ހަތާވީސް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ފަސްސަތޭކަ ތިރީސް ދެ ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) ވަނީ ދޫކޮށްފައެވެ.
މި ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން ޝަރުތު ހަމަވާ މީޑިއާތަކާއި އެ ފަރާތްތަކަށް ލިބޭނެ ފައިސާގެ މިންވަރު ކަނޑައެޅުމަށްފަހު، އެ މައުލޫމާތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް ވަނީ ހިއްސާކޮށްފައެވެ. ޔޫތު މިނިސްޓްރީން މި ތަފްސީލުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގްއަށް ފޮނުވުމުން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މިހާރު ވަނީ މީޑިއާތަކަށް ފައިސާ ޖަމާކޮށް ނިންމާފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް މީޑިއާތަކަށް ކުރަން ނިންމެވީ އަމިއްލަ މީޑިއާތައް މާލީގޮތުން ބާރުވެރިކުރުވުމަށެވެ. އަދި މީގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
މި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ. ރައީސް މުއިއްޒުގެ މި ނިންމެވުމާއެކު، މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މީޑިއާ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

