ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހޮވުނު ޕީއެންސީގެ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތެއްކަމަށް އެއިރު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެެއެވެ.
މިކަމާ ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހޮވުނު ޕީއެންސީގެ ކައުންސިލަރުން ފާސްކުރި ތަސައްވުރުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު މަސައްކަތް ފެށިގެންދިޔަ ކަމެއް ކަމަށެވެ. ނަރީޝް މިފަދައިން ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ވީރާނަވަމުން ދިޔަ އެ ޕާކު ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތަކީ މިހާރުގެ މޭޔަރު ކުރެއްވި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
“މިއަދު ކައުންސިލުގައި ތިއްބެވި ކައުންސިލަރުންނާއި ވެރިން މިކަން ނިންމައި ގަލޮޅު ރައްޔިތުންނަށް ހިދުމަތް ލިބިގެން ދިޔުމަކީ ލިބޭ ޙާއްސަ އުފަލެއް. މާލެސިޓީ ތަރައްޤީ އަށް ނިންމައި އިމްޕްލިމެންޓްކުރާ ކޮންމެ ކަމަކީ އަދި ހޭދަކުރަން ނިންމާ ކޮންމެ ފައިސާގެ އަދަދަކީ ކައުންސިލަށް ހުށައަޅައި ކައުންސިލްގެ އަޣުލަބިއްޔަތު ވޯޓުން ނިންމާކަންކަން،” ނަރީޝް ވިދާޅުވިއެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ފެށީ ޕީއެންސީގެ މެމްބަރުންނާއެކު ރައީސް މުއިއްޒުކަން ފާހަގަކުރައްވަމުން ނަރީޝް ވިދާޅުވީ، ރަނގަޅަށް ބޭނުން ނުކުރެވި އޮތް އެ ޕާކުގައި އައު ޕާކެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އޭރުގެ މޭޔަރު ޑރ. މުޢިއްޒު އިސްވެ ހުންނަވައި ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުންތަކުން ލިބުނު މަޝްވަރާގެ މަތިން ޕާކުގެ ކުރެހުން އެކުލަވާލީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.
ސިޓީ ކައުންސިލުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި ޕާކުގައި ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި، ކަސްރަތު ކުރެވޭނެ ސަރަހައްދަކާއި، ކުޑަކުދިން ކުޅޭނެ ޖާގައިގެ އިތުރުން އެކި އިވެންޓުތައް ބޭއްވޭނެ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ.
ނަރީޝްގެ ޕޯސްޓު ނިންމަވާލައްވަމުން ފާހަގަކުރެއްވީ، މިހާރުވެސް މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީއަކީ ރައީސް މުއިއްޒުގެ ތަސައްވުރު ދިރުވާ ޕީއެންސީގެ މެމްބަރުން ކަމަށެވެ.

