މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓު ދޭއްގައި ހިމެނޭ ސަރަހައްދުގެ 85 މީޓަރު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ހިއްސާކުރި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ދެވަނަ ސެގްމެންޓުގެ ޝީޓްޕައިލް މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ބިން ހިއްކުމުގެ މަސައްކަތެވެ. މީގެ އިތުރުން، ޕޭވްމެންޓާއި، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން ފުރަތަމަ ސެގްމެންޓުގެ މަސައްކަތް މިހާރު ވަނީ ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. މިހާރު މަސައްކަތް ހިނގަމުންދާ ދެވަނަ ސެގްމެންޓަކީ ބާޒާރު މަތީ ސަރަހައްދެވެ.
ޖުމްލަ 144.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް 830 މީޓަރުގެ މަގެއް ތަރައްގީކުރާނެއެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރާނެއެވެ. މި މަޝްރޫއުގެ ދަށުން މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އެޅުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ނުވަތަ ދުވާރު ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ

