ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ސައިޓް އޭގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މުޅިން ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ.
އެމްއޭސީއެލްއާ ހަވާލުކޮށްގެން މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށި ސައިޓް އޭގެ މަސައްކަތުގެ ތަފްސީލް ހާމަކުރަމުން އެ ކުންފުނިން ވިދާޅުވީ، އެ ސައިޓުން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 71 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މިއީ އެ ސައިޓުގެ ޖުމްލަ މަސައްކަތުގެ %51.64 އެވެ.
މި މަސައްކަތް އަވަސް ކުރުމަށްޓަކައި ބޭނުންކުރަމުންދަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރެވެ. މި ޑްރެޖަރަކީ އެއްފަހަރާ 46,000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ އުޅަނދަކަށްވާއިރު، ރަސްމާލޭގައި ދުވާލަކު ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ދަނީ ހިއްކަމުންނެވެ.
ރަސްމާލެ މަޝްރޫޢަކީ މިވަގުތު މުޅި ރާއްޖޭގައިވެސް ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 12 ސަރަޙައްދަކަށް ބަހާލައިގެން 4 ކުންފުންޏަކުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް މުޅި މަޝްރޫޢުގެ 280 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކައި ނިމިފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ރަސްމާލެ މަޝްރޫޢުގެ ދަށުން 65,000 ގެދޮރު ޔަޤީންވެގެންދާނެއެވެ. "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ވަނީ ރަސްމާލެއިން ގޯއްޗާއި ފްލެޓް ދޫކުރުމަށްވެސް އިޢުލާނުކޮށްފައެވެ.

