ރޯގާގެ އަލާމާތްތައް ފެނުނުނަމަވެސް ޑޮކްޓަރުގެ ލަފާ ނުހޯދައި އެންޓިބަޔޮޓިކް ބޭނުންނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިކަމަށް އިލްތިމާސްކުރީ އުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން ރާއްޖެ އަންނަ ދުވަސްވަރު އާއްމު ރޯގާ އިތުރުވަމުންދާތީ، އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ކޮންސަލްޓަންޓް ސަބްސެޕްޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ. ނަޒްމީ އަބްދުލް ލަތީފް ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކޮށް ފެތުރެމުން އަންނަނީ އާންމުކޮށް ޖެހޭ ރޯގާއާއި އިންފުލުއެންޒާ އަދި ޑެންގޫ ކަމަށެވެ. މި ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭވާ ކުރުވުން، ކެއްސުން، އަދި ކަރަށް ތަދުވުން ފަދަ ކަންކަން ހިމެނޭއިރު، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި މުސްކުޅިންގެ ފަރާތުން މި އަލާމާތްތައް ނުފެނި ހިނގައިދާނެކަމަށް ޑރ. ނަޒްމީ ފާހަގަކުރެއްވިއެވެ.
ބަލިން ރަނގަޅުވުމަށްޓަކައި ގޭގައި އޮވެ އަރާމުކޮށް، ގިނައިން ދިޔާ ތަކެތި ބޭނުންކުރުމުގެ މުހިންމުކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. އަދި ބަލި ޖެހިގެން އުޅޭއިރު މައިލޯ ފަދަ ކުލަގަދަ ބުއިންތައް މަދުކުރުމަށާއި، އާންމުންގެ ތެރެއަށް ނިކުތުން މަދުކޮށް، ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދެއްވިއެވެ. މީގެ އިތުރުން، ޑޮކްޓަރެއްގެ ލަފާ ނުހޯދައި އެންޓިބަޔޮޓިކްސް ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ޑރ. ނަޒްމީ ވިދާޅުވިއެވެ.
“އެންޓިބަޔޮޓިކްސް އަސްލު ބެކްޓީރިއަލް އިންފެކްޝަންއެއް ކަމަށް ޔަގީން ނުވާ ހިނދަކު ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއްނޫން، އަދި ރެކޮމެންޑެޑް ކަމެއްވެސް ނޫން. އެހެންވީމައި އާންމުކޮށް ވައިރަލް ރޯގައިތައް ހުންނާނީ ދެން، ވައިރަލް ރޯގައި ރަނގަޅު ވަމުން ދާއިރު ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންއެއްވެސް ފަހުން ޖެހިދާނެ،” ޑރ. ނަޒްމީ ވިދާޅުވިއެވެ.
އެޗްޕީއޭގެ ކޯޑިނޭޓަރ ފައުޒާ ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބޭރަށް ނިކުންނައިރު މާސްކު އެޅުމާއި، ބޭރުން ކެއުން މަދުކުރުމުގެ އިތުރުން ޑެންގޫއިން ސަލާމަތްވުމަށް މަދިރިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އަދި ހައްޖާއި އުމްރާއަށް ދިއުމުގެ ކުރިން ފްލޫ ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާއަށްދާ މީހުން އެނބުރި އަންނަ ދުވަސްވަރު އާއްމު ރޯގާތައް އިތުރުވާތީ، ކަމާބެހޭ ފަރާތްތަކުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ފްލޫ ކްލިނިކްތައް ގާއިމުކުރުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އެޗްޕީއޭއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

